ލ. މާވަށު ކައުންސިލާއި ސަލަފު ފަހުމުނާމާއެއްގައި ސޮއިކޮށްފި
ހައްދުންމަތި މާވަށު ކައުންސިލު އިދާރާ އާއި ޖަމްޢިއްޔަތުއް ސަލަފާއި ދެމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.
ރޭ، މާވަށު ސުކޫލު ހޯލުގައި ބޭއްވުނު އައްޝައިޚް އަޙްމަދު ސަމީރުގެ ބޮޑު ދަރުސް ފެށުމުގެ ކުރިން ބޭއްވުނު ޚާއްޞަ ޙަފްލާގައި، މާވަށު ކައުންސިލުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު މޫސާއެވެ. ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ސޮއި ކުރެއްވީ ޖަމްޢިއްޔާގެ ނައިބް ރައީސް އައްޝައިޚް އަޙްމަދު ސަމީރެވެ.
މި އެއްބަސްވުމުގެ ދަށުން ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން މާވަށުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން، މުޅި އަހަރަށް ބަހާލައިގެން ތަފާތު އެކިއެކި ޙަރަކާތްތައް ޖަމްޢިއްޔަތުއްސަލަފުން ކުރިއަށް ގެންދާނެއެވެ.