20 ޖުމާދުލް އޫލާ 1446 | 04 ޑިސެމްބަރ 2023 | 12:00

ބޮޑުބެރަކީ ޙަރާމް އެއްޗެއް: ޝައިޚް ޢަބްދުﷲ

article cover
Share on : ff 4

ބޮޑުބެރު ޖެހުމަކީ ނުވަތަ ކުޅުމަކީ އެއީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމް އެއްޗެއްކަމަށް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދާރިސްޓީވީ އިން ރޭ ގެނެސްދިން ‘ސުވާލަކީ ކޮބާ’ ޕްރޮގްރާމުގައި ބެލުންތެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ޢަބްދުﷲ ވިދާޅުވީ ބޮޑުބެރަކީ އެއީ މިއުޒިކުގެ އާލަތެއްކަމަށާއި މިއުޒިކަކީ ﷲ ޙަރާމް ކުރައްވާފައިވާ އެއްޗެއްކަމަށެވެ.

“ބޮޑުބެރަކީ މިއުޒިކުގެ އާލަތްތަކުގެތެރެއިން އާލަތެއް. އެހެންވީމާ އެ އާލަތްތައް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދޫފުޅުމަތިން އެވަނީ ޙަރާމް އެއްޗެއްގެގޮތުގަ ކަނޑައެޅިފަ.” ޝައިޚް ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ވަނީ މިއުޒިކުގެ ޙަރާމްކަމާ ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްބަސްފުޅެއް ގެނެސްދެއްވާފައެވެ. އަދި އޭގެއިތުރުންވެސް މިއުޒިކުގެ ޙަރާމްކަމާގުޅޭގޮތުން ވަރަށް ގިނަ ދަލީލު އިސްލާމްދީނުގައި އައިސްފައިވާކަމަށް ޝައިޚް ވިދާޅުވިއެވެ. 

ސަޤާފަތް ދިރުވުމުގެ ނަމުގަ ރާއްޖޭގެ ބައެއް ސްކޫލުތަކުގައި ބޮޑުބެރު ޖެހުން ކުރިއަރުވަން މަސައްކަތް ކުރާކަމަށް ސޯޝަލްމީޑިއާގައި ގިނަ ބަޔަކު ވާހަކަދައްކަމުންދާއިރު ހުޅުމާލޭ ރެހެންދި ސްކޫލުގެ ގްރޭޑް 7 ،8، 9 އަދި 10 އެއްގެ ދަރިވަރުންގެ ހިތްތަކުގައި ސަޤާފީ ރޫޙު ދިރުވާ އާލާކުރުމާއި ބޮޑުބެރުގެ ހުނަރު ދަރިވަރުންނަށް އުނގަންނައިދިނުމުގެ މަޤްސަދުގައި “ރެހެންދި ބޮޑުބެރު” ގެ ނަމުގައި ބޮޑުބެރު ގްރޫޕެއް ތައްޔާރުކުރަން ގަސްތުކުރާ ކަމަށްބުނެ އެ ސްކޫލުގެ އިދާރާއިން މި މަހުގެ 16 ވަނަ ދުވަހު ރަސްމީކޮށް ތައްގަނޑު ޖަހައިގެން ނޯޓެއް ނެރެފައިވެއެވެ. އަދި އެ ނޯޓު އެ ސްކޫލުގެ ބެލެނިވެރިން ތިއްބަވާ ވައިބާ ގްރޫޕުތަކުގައި ޕޯސްޓު ކޮށްފައިވެއެވެ.