20 ޖުމާދުލް އޫލާ 1446 | 04 ޑިސެމްބަރ 2023 | 12:00

ހަފްތާ ބަންދު ދަރުސް ޕްރޮގްރާމް، މިހަފްތާ 15 ރަށެއްގައި

article cover
Share on : ff 26

ޖަމްޢިއްޔަތުއްސަލަފުން ކުރިއަށްގެންދާ ހަފްތާ ބަންދު ދަރުސް ޕްރޮގްރާމް މި ހަފްތާގައި 15 ރަށެއްގައި ކުރިއަށްދާނެއެވެ. إن شاء الله

6 އަތޮޅެއްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ހަފްތާގެ ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މާރޗް 13 އިން 15 އަށެވެ.

ޕްރޮގްރާމްތައް ކުރިއަށްގެންދާ ރަށްތަކަކީ:

ހދ. ނައިވާދޫ
ށ. މާއުނގޫދޫ، ފީވަށް، ނަރުދޫ، މިލަންދޫ
ނ. ވެލިދޫ
ރ. މީދޫ، އިނގުރައިދޫ، އުނގޫފާރު، ރަސްމާދޫ، އިންނަމާދޫ
ބ. އޭދަފުށި، ދަރަވަންދޫ
ގދ. މަޑަވެލި، ހޯޑެއްދޫ މި ރަށްތަކުގައެވެ.

މިހަފްތާގެ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވާ ޢިލްމުވެރިންނަކީ، އައްޝައިޚް އަޙްމަދު ސަމީރު، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު، އައްޝައިޚް އަޙްމަދު މިޞްބާޙު، އައްޝައިޚް މުޙައްމަދު މަންޞޫރު، އައްޝައިޚް މުޖުތަބާ ޙަމީދު، އައްޝައިޚް ޚާޠިމް ޔޫސުފް، އައްޝައިޚް ޙަސަން ޞަބާޙު، އައްޝައިޚް މުޙައްމަދު ޝާހިދު އަދި އައްޝައިޚް ޝުޢައިބު ނާޡިމް އެވެ.

ފާއިތުވީ ހަފްތާގެ ހަފްތާބަންދުގައި 20 ރަށެއްގައި މި ޕްރޮގްރާމް ހިންގާފައިވެއެވެ.

މިޕްރޮގްރާމްތަކުގެ އިތުރުން، ޖަމްޢިއްޔާއިން މި ރަމަޟާންމަހު ތަފާތު އެކިއެކި ޕްރޮގްރާމްތައް މާލޭގައިވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ. މާލޭގައި ކޮންމެ ދުވަހަކު ޢަޞުރު ނަމާދަށްފަހު ފުރުޤާން މިސްކިތުގައި ބާއްވާ ސިލްސިލާ ދަރުސްތަކުގެ އިތުރުން، ހުޅުމާލެ، ފޭސް 2 ގައި ހުންނަ ޙަސަން އާދަމް މިސްކިތުގައިވެސް ކޮންމެ ދެދުވަހުން އެއްދުވަހު ، ޢަޞުރު ނަމާދަށްފަހު   “ޙައްޤުތައް” މިނަމުގައި ސިލްސިލާ ދަރުސްތަކެއް ކުރިއަށް އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މީގެ އިތުރުން، ޖަމްޢިއްޔާގެ ފޭސްބުކްގައި ޢާންމުންނަށް ބަައިވެރިވެވޭ ސުވާލު މުބާރާތްތަކުގެ އިތުރުން، ހޮސްޕިޓަލުގައި ތިއްބަވާ ބަލިމީހުންނާއި، އެހީތެރިން އަދި ޑަކްޓަރުންނާއި ނަރުހުންނަށް ޚާއްޞަކޮށްގެން “ހަދާޔާ” ނަމުގައި ކުރިއަށްގެންދާ ރޯދަވީއްލުމުގެ ހަދިޔާޕެކް ބެހުމުގެ މަސައްކަތްވެސް ޖަމްޢިއްޔާއިން އަންނަނީ ކުރަމުންނެވެ.

ޖަމްޢިއްޔަތުއްސަލަފް އިން ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތައް ކާމިޔާބު ކަމާއެކު މެދުކެނޑުމެންނެތި ކުރިއަށްގެންދެވޭ ސަބަބަކީ، ﷲ ގެ ތަނަވަސް ރަޙްމަތްފުޅާއެކު، ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންގެ ދީލަތި އެހީތެރިކަމުގެ ސަބަބުންނެވެ. ވީމާ، މި ބަރަކާތްތެރި ހެޔޮކަމުގެ މައްސަރުގައި، ހެޔޮކަން އިތުރު ކުރުމަށް، ޖަމްޢިއްޔާއިން ކުރަމުން އަންނަ ދަޢުވަތުގެ އެންމެހާ މަސައްކަތްތަކަށާއި ދަރުމަވެރި އެންމެހާ މަސައްކަތްތަކަށް ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންގެ ދީލަތި އެހީތެރިކަމާއި އެއްބާރުލުން މެދުކެނޑުމެންނެތި ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެކެވެ.