20 ޖުމާދުލް އޫލާ 1446 | 04 ޑިސެމްބަރ 2023 | 12:00

ލައިލަތުލްޤަދްރި

article cover
Share on : ff 40

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ޢަރަބި ބަހުގައި لَيْلَة القَدْر ގެ މާނައަކީ: ނިޔާ ކަނޑައަޅުއްވާ ރެއެވެ. އެ ރެއަށް އެފަދައިން ނަން ދެއްވުނީ އެ ރެއަކީ އެ އަހަރުގައި ހިނގާނޭ ކަންތައްތަކުގެ ނިޔާފުޅު، ﷲ ތަޢާލާ ކަނޑައަޅުއްވާ ރޭކަމުގައި ވާތީއެވެ.

 

ލައިލަތުލްޤަދްރިއަކީ ބަރަކާތްތެރި ރެއެކެވެ. އެ ރޭގެ މާތްކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ: އެއީ ކީރިތި ޤުރުއާން ބާވައިލެއްވި ރެއަށްވުމާއި އެ އަހަރުގައި ހިނގާނޭ ކަންތައްތައް ﷲ ތަޢާލާ ކަނޑައަޅުއްވާ ރެއަށްވުމާއި އެ ރޭ ކުރާ އަޅުކަން އެއްހާސް މައްސަރުގެ އަޅުކަމަށް ވުރެ މާތްވެގެންވުމާއި ޖިބްރީލުގެފާނާއި މަލާއިކަތުން ހެވާއި ބަރަކާތާއިގެން އެ ރޭ ފައިބައިވަޑައިގެންނެވުމާ އަދި އެ ރެއަކީ ސަލާމަތްކަން ހުރި ރެއަކަށްވުމެވެ.

ކީރިތި ޤުރުއާނުންނާއި ޞައްޙަ ޙަދީޘްތަކުން އެނގެނީ އެއީ: ރަޟަމާން މަހުގެ ރެއެއްކަމާއި އެ ރޭ ވަނީ ރަމަޟާންމަހުގެ ފަހު ދިހައިގައި ކަމާއި ނަބިއްޔާ صلى الله عليه وسلم  އާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ދުވަސްވަރުގައިވެސް އެކި އަހަރުތަކުގައި އެ ރޭ އައިސްފައިވަނީ އެކި ރޭތަކުގައި ކަމެވެ. އަދި ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައިވެސް ހިރި ރޭތަކުގައިވެސް ބައެއް އަހަރުތަކުގައި އެ ރޭ ވެދާނެއެވެ. މި ދެ ގޮތަށް ވެސް ޞައްޙަ ޙަދީޘްތަކުގައި ވާރިދުވެފައި ވެއެވެ. (ބައްލަވާ: صحيح البخاري (2018) السنن الكبرى للنسائي (3390) وسلسلة الأحاديث الصحيحة للألباني (3 / 455 – 456)).

ނަބިއްޔާ صلى الله عليه وسلم  އަށް ލައިލަތުލް ޤަދްރި ދެއްކެވުމަށް ފަހު އެއީ ކޮން ރެއެއްކަން ހަނދުމަނެތި ކުރެއްވުނެވެ. އެކަމުގެ ޙިކުމަތަކީ ފަހު ދިހައިގެ ހުރިހާ ރެއެއްގައިވެސް އެ ރޭ ޙާޞިލުކުރުމަށް މީސްތަކުން ގަދަ އަޅާ މަސައްކަތްކުރުމެވެ.

ލައިލަތުލްޤަދްރިއާ ބެހޭގޮތުން ވާރިދުވެފައިވާ އެންމެ ޞައްޙަ ޢަލާމާތަކީ އެ ރެއަށް ފަހު އިރު އަރާއިރު އިރުގެ ދޯދި ނެތުމެވެ. އެކަން ވެސް ފެންނަނީ އެ ރޭ ފާއިތުވުމުންނެވެ. މި ހުރިހާ ކަމަކުން އެނގެނީ ފަހު ދިހައިގެ އެއްވެސް ރެއެއް ފަރުވާ ކުޑަކުރުމެއް ނެތި އެ ރޭ ހޯދަން މަސައްކަތް ކުރުމުގެ މުހިންމުކަމެވެ.

އެ ރޭގެ ހެޔޮކަން ޙާޞިލުކުރުމަށްޓަކައި ރަމަޟާންމަހުގެ ފަހު ދިހައިގައި ކުރެވިދާނެކަންކަމުގެ ތެރޭގައި ރޭއަޅުކަންކުރުމާއި އިޢުތިކާފަށް އިނުން ހިމެނެއެވެ. އަދި ގިނައިން ދުޢާކުރުމާއި ކީރިތި ޤުރުއާން ކިޔެވުމާއި ޛިކުރުކުރުމާ އަދި އެނޫނަސް ހެޔޮ ޢަމަލުތައް ގިނަކުރުން ހިމެނެއެވެ.

 

ލައިލަތުލްޤަދްރީގައި ކުރުމަށް ނަބިއްޔާ صلى الله عليه وسلم ޢާއިޝާ رضي الله عنها އަށް އުނގަންނައިދެއްވި ދުޢާއަކީ:

«اللهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ»
[رواه الترمذي (3513) وصححه الألباني في السلسلة الصحيحة (3337)]

މާނައީ: ”އޭ ﷲ! އިބައިލާހީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. ފަހެ މިއަޅާއަށް ޢަފޫކުރައްވާނދޭވެ!”