20 ޖުމާދުލް އޫލާ 1446 | 04 ޑިސެމްބަރ 2023 | 12:00

“ސަލަފް ރޯދަ ހަދިޔާ 1446” މިރޭ 21:30 ގައި

article cover
Share on : ff 18

އަގުހުރި ތަފާތު އެތައް ހަދިޔާތަކާއެކު، “ސަލަފް ރޯދަ ހަދިޔާ 1446” އިވެންޓް، މިރޭ ހުޅުމާލެ، ސެންޓްރަލް ޕާރކުގައި އޮންނާނެއެވެ.


މިރޭގެ އިވެންޓު ސެންޓުރަލް ޕާރކުގައި ބާއްވާއިރު، އިވެންޓަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ޖަމްޢިއްޔާއިން އަންނަނީ ވަމުންނެވެ.

މިއިވެންޓަށް ހުށައެޅިފައިވާ އަގުބޮޑު ހަދިޔާތަކަށް ބަލާއިރު، ޢުމްރާދަތުރު، ސައިކަލް، ސޯފާ، ކުއީންސައިޒް ގެ އެނދު، އައިސް އަލަމާރި، ދޮންނަމެޝިން، އޭސީ، ލެޕްޓޮޕް، އަވަންގެ އިތުރުން އަގުހުރި އެތައް އިނާމުތަކެއް ހިމެނެއެވެ.

“ސަލަފް ރޯދަ ހަދިޔާ 1446” އިވެންޓަށް ހަދިޔާ ހުށައަޅުއްވާފައިވަނީ އެލިއާ އިންވެސްޓްމަންޓް، ފަރުމާ ފަރނީޗަރ، އިޒްއަޙްމަދު.ކޮމް، މެރިން އިކުއިޕްމަންޓް، އެސް.ޓީ.އޯ، ރެޑްވޭވް، ދިވެހިޖީ.ޕީ.ޓީ، އެލް.ވަން ހާރޑްވެއަރ އިންނެވެ.

އަގުބޮޑު ހަދިޔާތައް ހިމެނިފައިވާ މި އިވެންޓުގެ އެންމެ ޚާއްޞަ އިވެންޓަކީ، “ސަލަފުއްޞާލިޙުންގެ ރޯދަ” މި މައުޟޫޢަށް ބާއްވާ ޚާއްޞަ ފޯރަމްއެވެ. މިފޯރަމްގައި ތަޤުރީރު ކުރައްވާނީ، އައްޝައިޚް އަޙްމަދު ސަމީރު، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދުގެ އިތުރުން އައްޝައިޚް މުޖުތަބާ ޙަމީދުއެވެ.

މިރޭ 21:30 ގައި، ސެންޓްރަލް ޕާރކުގައި ބާއްވާ މި އިވެންޓަށް ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުން ވަޑައިގަތުމަކީ މިޖަމްޢިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ. ހެޔޮ ނަޞޭޙަތެއް ލިބުމުގެ އިތުރުން ކޮންމެވެސް އަގުހުރި އިނާމެއް ލިބުމުގެ ފުރުޞަތު އޮތް މިއިވެންޓަކީ މިފަދައިން ޖަމްޢިއްޔާއިން އިންތިޒާމް ކުރާ ފުރަތަމަ އިވެންޓެވެ.

މިރޭގެ އިވެންޓުގައި ހުށައެޅިފައިވާ މި އަގުހުރި ހަދިޔާތަށް ލިބޭނީ އިވެންޓުގައި ބައިވެރިވާން ސެންޓްރަލް ޕާރކަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

“މި އިވެންޓުގައި 3 ބައެއް ހިމެނިފައިވާނެ، ފުރަތަމަ ބަޔަކީ ފޯރަމް ، އަދި ދެވަނަ ބަޔަކީ ހަދިޔާތައް، މި އަގުބޮޑު ހަދިޔާތައް ލިބޭނީ އިވެންޓަށް ވަޑައިގަނެ އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް، އެއީ އެތަނަށް ޙާޟިރުވާ ފަރާތްތަކަށް ވަޤުތުން ޚާއްޞަ ކޫޕަން އެއް ދެވޭނެ. އެހެންވީމަ މި ގުރުއަތުގައި ބައިވެރިވެވޭނީ އެތަނަށް ޚާޟިރުވާ ފަރާތްތަކަށް އެކަނި” އިވެންޓް ކޯޑިނޭޓަރ މުޙައްމަދު ޝުޖާޢު ވިދާޅުވިއެވެ.

މިރޭގެ އިވެންޓުގައި ހިމެނޭ ތިންވަނަ ބަޔަކީ އެއީ ސަރޕްރައިޒެއްކަމަށާއި، އަޅުގަނޑުމެންގެ ދަރުސްތައް އިވެންޓްތައް އޮންލައިންކޮށްވެސް ރާއްޖޭގެ އެކި ހިސާބުތަކުން ބައްލަވާތީ އެފަރާތްތަކަށް ޚާއްޞަ ހަދިޔާއެއް އޮންނާނެއެވެ.

“މިއިވެންޓަށް ޙާޟިރުވާން ބޭނުްނވެފައި އެބަތިބި ވަރަށް ގިނަ ފަރާތްތައް، އިވެންޓު ފަސްވުމުގެ ސަބަބުން ފުރައިގެން ޗުއްޓީއަށް ބައެއް ފަރާތްތައް ވަނީ ގޮއްސަ، އެހެންކަމުން އަޅުގަނޑުމެން އެފަދަ ފަރާތްތަކަށް ޚާއްޞަކޮށްވެސް ހަދިޔާއެއް އޮންނާނެ. إن شاء الله ، ނަމަވެސް އެއީ ސަރޕްރައިޒް އެއް ވީމާ، އެބައި އިޢުލާން ކުރެވޭނީ އިވެންޓް ފެށުމަށްފަހު.” އިތުރަށް މަޢުލޫމާތު ދެއްވަމުން ، މުޙައްމަދު ޝުޖާޢު ވިދާޅުވިއެވެ.

މިއިވެންޓަށް ތަފާތު އެކިގޮތްގޮތުން އެހީތެރިވެ، ހަދިޔާ ހުށައަޅުއްވާފައިވާ ، އެލިއާ އިންވެސްޓްމަންޓް، ފަރުމާ ފަރނީޗަރ، އިޒްއަޙްމަދު.ކޮމް، މެރިން އިކުއިޕްމަންޓް، އެސް.ޓީ.އޯ، ރެޑްވޭވް، ދިވެހިޖީ.ޕީ.ޓީ، އެލް.ވަން ހާރޑްވެއަރ ހިމެނެއެވެ. މިހުރިހާ ފަރާތްތަކާއި އަދި މިއިވެންޓްގެ އިންތިޒާމްކުރުމުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ އެކިއެކި ފަރާތްތަކުގެ އިތުރުން އަޅުގަނޑުމެންގެ ވޮަންޓިއަރުންނަށްވެސް ނުހަނު އިޚްލާޞްތެރި ކަމާއެކު ޝުކުރު ޖަމްޢިއްޔާއިން ޝުކުރު ދަންނަވައެވެ. މިޝުކުރުގައި އަޅުގަނޑުމެންނަށް މިއިވެންޓު ބޭއްވުމަށް ތަން ހަމަޖައްސަވައިދެއްވައި، އެހެނިހެން އެހީތެރިކަމާއި އެއްބާރުލުން ދެއްވާފައިވާތީ އެޗް.ޑީ.ސީ އަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ޖަމްޢިއްޔާއިން ދަންނަވައެވެ.

މިރޭގެ މި ޚާއްޞަ އިވެންޓް ދާރިސް ޓީވީ އިން ވަޤުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ.