“ސަލަފް ފޯރަމް” މިރޭ ރ. މީދޫގައި
ޖަމްޢިއްޔާއިން ކުރިއަށްގެންދާ “ސަލަފް ފޯރަމް”ގެ ދެވަނަ ފޯރަމް، މިރޭ، ރ. މީދޫގައި އޮންނާނެއެވެ. މިރޭގެ ފޯރަމް އިންތިޒާމު ކުރަނީ، ރ. މީދޫ ކައުންސިލް އާއި އުއްމީދު ޖަމްޢިއްޔާއިން ގުޅިގެންނެވެ. އަދި ރ. މީދޫ ޕޮލިސްސްޓޭޝަން އާއި ޑަބްލިޔު.ޑީ.ސީގެ އިތުރުން ރ.އަތޮޅު ތަޢުލީމީ މަރުކަޒުންވަނީ، މި ފޯރަމް އިންތިޒާމް ކުރުމުގައި ބައިވެރިވެފައެވެ. މީގެ އިތުރުން، މި ފޯރަމްގެ ޓައިޓްލްވަނީ ޤިބްލަ ޙައްޖު އެންޑް ޢުމްރާގެ ފަރާތުން ސްޕޮންސަރ ކޮށްފައެވެ.
މިރޭގެ މި ފޯރަމްގައި ވާހަކަފުޅުދައްކަވާނީ، ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރެވެ. “ހިތް” މި މައުޟޫޢަށް ކުރިއަށްގެންދާ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ. ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ކުރިއަށްގެންދާ މި ފޯރަމް ހުށައަޅުއްވާ ދެއްވާނީ ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އައްޝައިޚް މުޖުތަބާ ޙަމީދުއެވެ.
ސަލަފް ފޯރަމް އަކީ ރަމަޟާންމަހު އަތޮޅުތަކަށް ޚާއްޞަކޮށްގެން ޖަމްޢިއްޔާއިން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. މިގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ “ސަލަފް ފޯރަމް” ބޭއްވިފައިވަނީ ދ. ހުޅުދެލީގައެވެ.
މިރޭގެ ފޯރަމްވެސް، ދާރިސްޓީވީ އިން ލައިވްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
“ދަތުރުމަތީގައި ނަބިއްޔާ صلى الله عليه وسلم ޢަމަލުކުރެއްވި ގޮތަކީ ފުރުޟު ނަމާދުތައް އަދާކުރެއްވުމަށް ފަހުގައި، ފަރުޟު ނަމާދުތަކުގެ ކުރިންނާއި ފަހުން ކުރާ (ރަވާތިބު) ސުންނަތްތައް ދޫކޮށްލުމެވެ. (ރަވާތިބު ސުންނަތްތަކުގެ ތެރެއިން ފަތިސް ނަމާދުގެ އިހު ސުންނަތް ފިޔަވާ) އެކަލޭގެފާނު ކުރެއްވިކަން ޘާބިތެއް ނުވެއެވެ. އެކަލޭގެފާނު ދަތުރުމަތީގައިވެސް އަދި ރަށުގައި ޤާއިމުވެ ހުންނަވާ އިރުގައިވެސް ދޫނުކުރައްވާ ދެ ނަމާދެއް ވެއެވެ. އެއީ ވިތުރިއާއި ފަތިސް ނަމާދުގެ އިހު ސުންނަތެވެ.
މިކަމާ ބެހޭގޮތުން އިބްނު ޢުމަރު رضي الله عنهما އާ ސުވާލު ދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ.
” صَحِبْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَلَمْ أَرَهُ يُسَبِّحُ فِي السَّفَرِ، وَقَالَ اللَّهُ جَلَّ ذِكْرُهُ: ﴿لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ﴾ [سورة الأحزاب: 21]” [رواه البخاري (1101) ومسلم 9 – (689)]
ﷲ ގެ ރަސޫލާ صلى الله عليه وسلم އާ އެކުގައި (ދަތުރުމަތީގައި) ތިމަންކަލޭގެފާނު އުޅުއްވީމެވެ. އެހެނަސް އެކަލޭގެފާނު ތަސްބީޙަ ކިޔުއްވާ ތަނެއް (އެބަހީ: ރަވާތިބު ސުންނަތް ކުރައްވާ ތަނެއް) ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަމެވެ. ﷲ عز وجل ވަޙީކުރެއްވިއެވެ.
﴿لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ﴾ [سورة الأحزاب: 21]
މާނައީ: “ހަމަކަށަވަރުން ﷲގެ ރަސޫލާގެ އަރިހުގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ.”
މި ޙަދީޘްގައި التسبيحގެ މުރާދަކީ: ރަވާތިބު ސުންނަތްތަކެވެ. ތަސްބީޙަ ކިޔުމުގެ ވާހަކައެއް ނޫނެވެ. އެކަން އެނގޭ ގޮތަކީ އެކަލޭގެފާނު ވަޑައިގެންނެވި ކޮންމެ ދިމާލަކަށް ސަވާރީގެ މަތީގައި އިންނަވައިގެން ތަސްބީޙަ ކިޔުއްވިކަން ވަނީ ޘާބިތުވެފައެވެ.
އަދި الصحيحين ގައި ވެއެވެ. އިބްނު ޢުމަރު رضي الله عنهما ވިދާޅުވިއެވެ.
«كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي فِي السَّفَرِ عَلَى رَاحِلَتِهِ، حَيْثُ تَوَجَّهَتْ بِهِ يُومِئُ إِيمَاءً صَلاَةَ اللَّيْلِ، إِلَّا الفَرَائِضَ وَيُوتِرُ عَلَى رَاحِلَتِهِ» [رواه البخاري (1000) ومسلم 39 – (700)]
މާނައީ: “ނަބިއްޔާ صلى الله عليه وسلم ދަތުރުގައި އުޅުއްވާއިރު ސަވާރީ މަތީގައި ރޭ އަޅުކަން ކުރައްވައެވެ. ފަރުޟު ނަމާދު ފިޔަވާ އެހެން ނަމާދުކުރައްވަނީ ސަވާރީ އެ ދާ ދިމާލަކަށެވެ. (ފަރުޟު ނަމާދުކުރައްވަން ވީމާ ސަވާރީ ހުއްޓާފައި ފައިބާވަޑައިގަންނަވައެވެ.) އަދި (ރުކޫޢާއި ސަޖިދަކުރައްވަނީ) އިޝާރާތުންނެވެ. (އެބަހީ: ރުކޫޢުގައި ކުޑަކޮށް ގުދުވެލާފައި ސަޖިދައިގައި އެއަށް ވުރެ ބޮޑަށް ތިރި ވެލަނީއެވެ.) ވިތުރި ނަމާދުވެސް ސަވާރީ މަތީގައި އެކަލޭގެފާނު ކުރައްވައެވެ.”
އިމާމު ޝާފިޢީ رحمه الله ވިދާޅުވިއެވެ.
ނަބިއްޔާ صلى الله عليه وسلم ޤަޞްރުކުރައްވާ ދަތުރުފުޅެއްގައިވެސް ރޭއަޅުކަން ކުރައްވާކަން ޘާބިތުވެފައި ވެއެވެ. الصحيحين ގައި ވެއެވެ. عامر بن ربيعة ގެ އަރިހުން ރިވާވެފައި ވެއެވެ. ދަތުރުމަތީ އުޅުއްވަމުން ނަބިއްޔާ صلى الله عليه وسلم ރޭގަނޑު السُّبْحَةَ ސަވާރީ މަތީގައި ކުރައްވާތަން އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. [ބައްލަވާ: البخاري (1104) ومسلم 40 – (701)] އެއީ ރޭ އަޅުކަމުގެ ވާހަކައެވެ.
އަދި ދަތުރުމަތީގައި ސުންނަތް ނަމާދުކުރުމާ ބެހޭގޮތުން އިމާމު އަޙްމަދު رحمه الله އާ ސުވާލު ދެންނެވުނެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. ދަތުރުމަތީގައި ނަމާދުކުރުން އެއީ މައްސަލައެއް ނޫންކަމުގައި ތިމަން ކަލޭގެފާނު އުންމީދު ކުރައްވަމެވެ. އަދި އަލްޙަސަނުގެ އަރިހުން ރިވާވެފައިވެއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުން ދަތުރުކުރައްވާއިރުގައި އެބޭކަލުން ފަރުޟު ނަމާދުތަކުގެ ކުރިންނާއި ފަހުން ސުންނަތް ނަމާދުތައް ކުރައްވައެވެ. މިކަންވަނީ ޢުމަރުގެފާނާއި ޢަލީގެފާނާއި އިބްނު މަސްޢޫދާއި ޖާބިރުގެފާނާއި އަނަސްގެފާނާއި އިބްނު ޢައްބާސާ އަދި އަބޫ ޛައްރުގެ އަރިހުން ރިވާވެގެންނެވެ.
އެހެނަސް ފަރުޟު ނަމާދުގެ ކުރިންނާއި ފަހުން ކުރާ ސުންނަތް ނަމާދުތައް އިބްނު ޢުމަރު ނުކުރައްވައެވެ. އެކަލޭގެފާނު ކުރައްވަނީ ރޭ އަޅުކަމާއި ވިތުރިއެވެ. އަދި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުންވެސް ފެންނަން އޮތީ އެފަދައިންނެވެ. އެއީ ފަރުޟު ނަމާދު ޤަޞްރުކުރައްވާފައި އޭގެ ކުރިން ނުވަތަ ފަހުންވެސް އެއްވެސް ސުންނަތެއް ނުކުރެއްވުމެވެ. އެހެނަސް އޭގެ ކުރިން ނުވަތަ ފަހުން ސުންނަތް ކުރުން އެކަލޭގެފާނު ނަހީއެއް ނުކުރައްވައެވެ. އެއީ މުޠުލަޤުކޮށް ކުރާ ސުންނަތް ނަމާދުތައް ފަދަ ކަމެކެވެ. އެއީ ނަމާދާ އެކުގައިވާ ރަވާތިބު ސުންނަތެއް ގޮތަކަށް ނޫނެވެ. އެހެނަސް ޤަމަތުގެ ކުރިން ކުރާ ސުންނަތް ނަމާދު ފަދައިންނެވެ.
މިކަމަށް ބާރުދޭ އަނެއް ކަމަކީ ހަތަރު ރަކުޢަތުގެ ނަމާދުތައް އެވަނީ ދަތުރުމަތީގައި ދެ ރަކުޢަތަށް ބަދަލުކުރެވިފައެވެ. އެއީ ދަތުރުވެރިޔާއަށް ފަސޭޙަކުރުމުގެ ގޮތުންނެވެ. ދެން ފަރުޟު ނަމާދު ދެ ރަކުޢަތަށް ލުއިކުރެއްވުމަށް ފަހުގައި ދަތުރުމަތީގައިވެސް ދޫނުކޮށް ކުރާ ނަމާދެއްގެ ގޮތުގައި ރަވާތިބު ސުންނަތް ކުރާނީ ކިހިނަކުން ހެއްޔެވެ! ދަތުރުވެރިޔާއަށް ލުއިކުރުމުގެ ޤަޞްދު އެކަމުގައި ނުވާނަމަ ދަތުރުވެރިޔާއަށް ވެސް ނަމާދުތައް ފުރިހަމައަށް (ކުރުނުކޮށް) އަދާކުރުން އައުލާވީހެވެ. އެހެންކަމުން އިބްނު ޢުމަރު رضي الله عنهما ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނު (ދަތުރުމަތީގައި ރަވާތިބު) ސުންނަތް ކުރައްވާނަމަ (ފަރުޟު ނަމާދުތައް ޤަޞްރު ނުކޮށް) ފުރިހަމަ ކުރެއްވީމުހެވެ.” [رواه مسلم 8 – (689)]
އަދި އެކަލޭގެފާނު صلى الله عليه وسلم ފަތަޙައިގެ ދުވަހުގައި ޟުޙާ ނަމާދުގެ 8 ރަކުޢަތް ކުރެއްވިކަން ޘާބިތުވެއެވެ. އެކަލޭގެފާނު އޭރު ހުންނެވީ ދަތުރުވެރިއެއްގެ ގޮތުގައެވެ. [ބައްލަވާ: صحيح مسلم (71 – (336))]
އަބޫދާވޫދާއި ތިރްމިޛީ އެބޭކަލުންގެ ސުނަނުގައި: الليث، عن صفوان بن سليم، عن أبي بُسْرة الغفاري، عن البراء بن عازب މި ސަނަދުން ރިވާކުރައްވާފައިވާ ޙަދީޘްގައިވެއެވެ.
«صَحِبْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثَمَانِيَةَ عَشَرَ سَفَرًا، فَمَا رَأَيْتُهُ تَرَكَ الرَّكْعَتَيْنِ إِذَا زَاغَتِ الشَّمْسُ قَبْلَ الظُّهْرِ» [رواه أبو داود (1222) والترمذي (550) وقال الترمذي: هذا حديث غريب. قال: وسألت محمدا عنه، فلم يعرفه إلا من حديث الليث بن سعد، ولم يعرف اسم أبي بسرة ورآه حسنا، وضعفه الألباني في مشكاة المصابيح (1352)]
މާނައީ: “އަށާރަ ދަތުރެއްގައި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ތިމަންކަލޭގެފާނު ބައިވެރިވީމެވެ. އިރު މެދުން ފިލުވުން، މެންދުރު ނަމާދުގެ ކުރިން ކުރާ ދެ ރަކުޢަތް ނަމާދު އެކަލޭގެފާނު ދޫކޮށްލެއްވި ތަން ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމެވެ.”
އަދި ޢާއިޝާ رضي الله عنها ގެ އަރިހުން ވާރިދުވެފައިވާ ޙަދީޘާމެދު ދަންނައެވެ. އެކަމަނާ ވިދާޅުވިއެވެ.
«أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ لاَ يَدَعُ أَرْبَعًا قَبْلَ الظُّهْرِ، وَرَكْعَتَيْنِ قَبْلَ الغَدَاةِ» [رواه البخاري (1182)]
މާނައީ: “ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތާއި ފަތިސް ނަމާދު ކުރިން ދެ ރަކުޢަތް ކުރެއްވުން ދޫކޮށް ނުލައްވައެވެ.”
މިއީ ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވާފައިވާ ޙަދީޘެކެވެ. އެހެނަސް މިއީ އެކަލޭގެފާނު ދަތުރުފުޅު މަތީގައި ޢަމުލުކުރެއްވި ގޮތްކަމެއް ޞަރިޙަކޮށް އެނގޭކަށް ނެތެވެ. ފަހަރުގައި އެކަމަނާ އެ ބަޔާންކޮށްދެއްވީ އެކަލޭގެފާނުގެ ޢާންމު ޙާލަތުގައި ކަންތައް ކުރައްވާ ގޮތެވެ. އެއީ ޤާއިމުވެ ހުންނަ އިރުގައެވެ. އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންނަށް ވުރެ ފިރިހެން ޞަޙާބީ ބޭކަލުންނަށް އެކަލޭގެފާނު ދަތުރުފުޅު މަތީގައި ޢަމަލު ބެހެއްޓެވި ގޮތް އެނގިވަޑައިގަންނަވައެވެ. އިބްނު ޢުމަރު ބަޔާންކުރައްވާފައިވަނީ އެކަލޭގެފާނު (ފަރުޟުނަމާދުގެ) ދެ ރަކުޢަތަށް ވުރެ އިތުރަށް ނުކުރައްވާ ކަމުގައެވެ. އަދި އިބްނު ޢުމަރުވެސް އޭގެ ކުރިންނާއި ފަހުން (ރަވާތިބު ނަމާދުތައް) ނުކުރައްވައެވެ. والله أعلم”.
[زاد المعاد لابن القيم (1 / 456 – 458)]
____________________